Pages

Monday, June 28, 2010

Medhuveriyaa

ބިންމާ އިބުރާހިމް ވަހީދު
ބޮޑުދައިތަ ގެޔަށް ދިޔައިރު އެ ގޭގެ ހުރިހާ އެންމެން ތިބީ ކާށެވެ.އެ މޭޒު މަތީގައި ނެތީ މިވެނި އެއްޗެކޭ ބުނާކަށް އަހަންނަކަށް ނޭނގެ އެވެ.ކުކުޅާއި ގެރިއެވެ.ފިހުނު މަހާއި ތެއްލި މަހެވެ.ސަޓަންޏާއި ޕާޕަރެވެ.މޭވާ އާއި އައިސް ކުރީމެވެ.ޖޫހާއި ކޯކެވެ.ވާނީވެސް އެހެންނެވެ.ދުވަހަކީ އީދު ދުވަހެވެ.މެންދުރު ވަގުތެވެ.ހުރިހާ ގެއެއްގައި އެފަދަ ސާމާނުތައް ހުންނާނެއެވެ.އަހަރެން ފެނުމުން ބޮޑު ދައިތަ ތެދުވެގެން ގޮސް އަހަންނަށް ތަށިބަރި ތައްޔާރު ކުރަން ފެށިއެވެ.އެ ވަގުތު،ކާން ތިބި ދެމީހަކު ކައި ނިމިގެން ތެދުވިއެވެ.އަމީހުން ކެއި ތަށިން މަދުވީ ކޯޗެއްބާއޭ އަހަރެން ހިތަށް އެރިއެވެ."އެ ދިޔައީ ހަޑިހާވާފަ،"ބޮޑު ދައިތަ ޗޮކެއް ކަނޑާފައި ބުންޏެވެ."ދެ ފަހަރަށް އަޅަން ފެށީމާވެސް އަހަރެން ބުނިން ނުކެވޭ ވަރަށް ނާޅާށޭ."
އަހަންނަށް ތަށިބަރި ދީފައި،އެމީހުން ބާކީ ކޮށްފައި ހުރި އެއްޗެހިތައް ޑަސްބިނަށް އަޅާލިއެވެ.އަހަރެން ތަށިބަރި ހިފައިގެން ،ގެއާ ދިމާލަށް މިސްރާބު ޖެހީމެވެ.ބައެއް ގޭގެ ކުރިމަތިން ހުރަސް ކޮށްލުމުން ހީވަނީ ބަނޑު ފުރިއަރައިފާނެހެންނެވެ.އަހަރެން އެ ވަސްތަކުގެ އަސްލު ދެނެގަނެވޭތޯ މަސައްކަތް ކުރީމެވެ."ކުކުޅު މުސަންމަ،"ހިތާހިތުން އަހަރެން ބުނީމެވެ."ހަނާކުރިމަސް."މަގުމަތިންވެސް ފެންނަނީ މަތިން އަރާ ވަރަށް ކައިގެން ދަތިރު ކުރާ މީހުންނެވެ.ކުއްލިއަކަށް އަހަރެން ހަނދާންވިއެވެ.ގެއަށް އަންނަ މަގުމަތީގައި ދޮންކެޔޮ އަރިއެއް ގަނެގެން އަންނާށޭ މަންމަ ބުންޏެވެ.ތައްޔާރު ކުރަންޖެހޭ ސާމާނުތައް އަދިވެސް ނުނިމެނީއެވެ.އަހަރެނެ މިސްރާބު ޖެހީ މާރުކޭޓާ ދިމާލަށެވެ.އެދިމާލުގައިވެސް މީހުން ވަރަށް މަދެވެ.ގިނަ މީހުން ވަނީ،މެންދުރުގެ ބޮޑު ކޭމުގައި ބައިވެރިވާން ގެއަށްގޮހެވެ.ނޫނީ ހޮޓަލަކަށް ގޮހެވެ.ކުއްލިއަކަށް އަހަރެން ލޮލުގައި އަޅައިގަތީ،ފާރުކައިރީ އިށީނދެއިން އަންހެނެކެވެ،އާންމުކޮށް އެދިލާމުގައި،އެކަކަށްވުރެ ގިނަ މީހުން ތިބެއެވެ.ލަފާކުރެވޭ ގޮތުގައި،އެ ދުވަހު އެހެން މީހުންވެސް ދިޔައީ ގެޔަށެވެ.އޭނަޔާ ދިމާލަށް އަހަރެން ބަލަން ފެށުމުން،އޭނާވެސް އަހަންނާ ދިމާލަށް ބަލަން ފެށިއެވެ.ގައިގެ ހަންގަނޑު ކުރަކިވެ،މުޅި ހެދުން ހިރަފުހުން ކަޅު ވެފައިވާ އެ އަންހެންމީހާ އެކަނިމާއެކަނި އެތަނުގައި އިންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟އެއީ އީދު ދުވަހެވެ.އުފާވެރިކަމުގެ ދުވަހެވެ.މީރު ކެއުންތައް ކައްކާ ދުވަހެވެ.އަހަރެންގެ ސައިކަލު އޭނަޔާ އަރާ ހަމަވިއިރު،ނޭނގި ނަމަވެސް އޭނަގެ އެއް އަތް ވަނީ ދިއްކުރެވިފައެވެެ.އޭނާ އުއްމީދު ކުރަނީ ފައިސާ އަށްބާއޭ އަހަރެން ހިތަށް އެރިއެވެ.އަހަންނަކީ ސުކޫލުގައި އުޅޭ ކުއްޖެކެވެ.ދޮންކެޔޮ ގަންނަން ދީފައިވާ ފައިސާކޮޅު ފިޔަވައި އެންމެ ބައި ރުފިޔާގެ މިންވަރުވެސް އަހަރެންގެ ޖީބަކު ނެތެވެ.އެކަމަކު ނުފެންނަ ކަމަށް ހަދާލާފައި ދާކަށް އަހަންނަކަށް ނުކެރުނެވެ.އަހަރެން ސައިކަލު މަޑުކުރީމެވެ.އޭނާ އަނގައިގައި އަތް ޖައްސާލާފައި ބަނޑުގައި އަތް ޖައްސާލިއެވެ.އެއީ މަންމަނެކެވެ.ވާހަކަ ދެއްކުމުގެ ނިއުމަތުންވެސް މަހުރޫމްވެފައިވާ މީހެކެވެ.އޭނާ ސަލާން ޖެހީ ފައިސާ އަކަށް ނޫނެވެ.ކާއެތިކޮޅަކަށެވެ.އަހަރެން މަގުގެ ދެފަރާތަށް ނަޒަރު ހިންގާލީމެވެ.އެ ފަދަ ފަޅު ދުވަހެއްގައި އޭނާ އަށް ކާއެތިކޮޅެއް ދިއްކޮށްލާނީ ކާކުހެއްޔެވެ؟އަހަރެން ސައިކަލުން ފޭބީމެވެ.އަދި ވަށިގަނޑުގައި ހުރި ތަށިބަރި ނަގައި އޭނާއަށް ދިއްކޮށްލީމެވެ.ވަގުނުތް އޭނާގެ ހޭ ހުސްވިކަހަލައެވެ.ތަށިބަރީގައި ހިފާފައި މަތި ނަގަން މަސައްކަތް ކުރިއެވެ.ބަނޑުހައިވެގެންކަމެއް ނުވަތަ އޭނާއަށް ނޭގިގެން ކަމެއް ނޭނގެއެވެ.ތަށިބަރި ހުޅުވާލުން ފަދަ ކުޑަ ކަމެއްވެސް އޭނާ އަށް ވީ ވަރަށް ބޮޑު ކަމަކަށެވެ.އަހަރެން ތަށިބަރި ހުޅުވައިދިނުމަށްޓަކައި ކައިރިވެލި ހިނދު ،އަހަރެންގެ އަތް އޭނާ ދުރަށް ޖައްސާލިއެވެ.އަހަރެން އުޅުނީ ތަށިބަރި ގެންދަން ކަމުގައި އޭނާ އަށް ހީވީ ބާއެވެ؟އަހަރެން ގުދުވެލީމެވެ.އަދި ތަށިބަރި ދޭށޭ ބުނާކަހަލަ ގޮތަކަށް އިޝާރާތް ކޮށްލީމެވެ.އޭނާ ބަލާލިއެވެ.އަހަރެން ހިނިތުން ވެލީމެވެ.އޭނާއަށް ވިސަނުނީ ކަންނޭގެއެވެ.ތަށިބަރި ދިއްކޮށްލިއެވެ.އަހަރެން މަތި ނަގައިދިނީމެވެ.ފުރަތަމަ ފެނުނި ސަޓަނި އަޅަފައިވާ ތަށްޓެވެ.ބަލާކަށް ނުހުރެ އޭނާ ކާން ފެށިއެވެ.އަހަރެންގެ ލޮލުން ފުރަތަމަ ކަރުނަ ހިލުނީ އެވަގުތުއެވެ.އޭނާގެ އެއްވެސް މީހަކު ދުނިޔޭގައި ނެތީބާއެވެ؟ހުރިހާ މުސްލިމުން އުފާ ކުރާ ދުވަހުވެސް،އެ ފަކީރުގެ ހައިހޫނުކުން ފިލުވައިދޭނެ މިތުރަކު ނެތީބާއެވެ؟އަހަރެން އެތަށި ނަގައި ގުރުގައި ބެހެއްޓީމެވެ.ދެން ހުރި ތަށިތަށްވެސް ނެގީމެވެ.ބޮޑުދައިތަ ހުރީ ތަށްޓަށް ކުޅަދާނަ ނުވާވަރަށް އެއްޗެހި އަޅާފައެވެ.އޭނާ ކާން ބައިންދާފައި އަހަރެން ގޮސް،ބޯފެންފޮދެއް ލިވޭތޯ ބެލީމެވެ.ދުވަހާއި ވަގުތުގެ ގޮތުން އެ ކަމެއަ ނުވިއެވެ.އެންމެ ފަހުން މާރުކޭޓަށް ވަދެ،މީ ހަކު ބޯން ގެންގުޅުނު ފެންފުޅު،ބުނެކިޔައި ހާދައިގެން އައީމެވެ.ހީވާ ގޮތުގައި އެ ދުވަހު ކެއި ވަރަށް ނުވަތަ ކެއި ފެންވަރުގެ އެއްޗެއް އޭނަ ކުރިން ކައިފައެއް ނުވެއެވެ.އޭނާ ކައި ނިމުމުން އެ ތަށިބަރި ގެންދިއުމަށްޓަކައި އަހަރެން ރޭވީމެވެ.ރާވައި ނިމުމާއެކު ތަށިބަރީގައި އޭނާ ހިފިއެވެ.ބަހުރުވަ އޭނާއަށް ލިބިފައި ނެތަސް،އޭގެ މާނަ އަހަންނަށް އެނގެ އެވެ.އަހަރެން ހިނިތުން ވެލާފައި އޭނާ އަށް ތަށިބަރި ދިނީމެވެ.އެއިން އޭނާ އަށް އަދި އެއް ފަހަރު ނުވަތަ ދެ ފަހަރު ކެވިދާނެއެވެ.އޭނާ އަށް ކާންދޭން،ކޮންމެ ފަހަރަކު އަހަންނެއް ނާންނާނެއެވެ.އެ ހުރިހާ ކަމެއް އަހަންނަށް ވިސްނެއެވެ.އެހެން ވިޔަސް އެ ދުވަހަކީ އޭނާއަށް ހިތްހަމަޖެހުން ލިބޭނެ ދުވަހެކެވެ.އުފަލުގައި،ރީތި ހެދުން ލައިގެން ކުޅިވަރު ބަލަން ނުދިޔަސް،އެންމެ ދުވަހަކު،އެންމެ މީހަކަށް ފުދޭ ވަރަށް އަހަންނަށް އުފާ ދެވިއްޖެއެވެ.އެ ހިތް ހަމަޖެހުން އަހަންނަށް ލިބުނެވެ."ޝުކުރިއްޔާ!" އޭނާ ބުންޏެވެ.އެއީ މަންމަނެއް ނޫނެވެ.އެހެންކަމުން އެތަށް ސުވާލެއް ކުރަން އަހަރެން ހިތަށް އެރިއެވެ."އެކަކުވެސް އަހަންނަށް ކާއެތިކޮޅެއް ނުދިން،"އަހަރެން ނުވެސް އަހަނީސް ކިޔައިދޭން ފެށިއެވެ."ހުރިހާ ދަރިން ދަރިން އުޅެނީ ކޮޓަރިކޮޓަރީގައި ތަޅުލައިގެން.ދެ ދުވަސް ވެއްޖެ އެއްޗެއް ނުކާތާ."އެހެންތަ؟"އަހަރެން ބުނާނީ އެހެން ކޯޗެއް ހެއްޔެވެ؟"ހުންނާނެ ބޮޑު ބަދިގެއެއްވެސް،"އޭނާ ދައްކަން ބޭނުން ވަރަށް ގިނަ ވާހަކަ ހުއްޓެވެ."އެކަމަކު،މިހާރު އެ ބަދިގޭގެ އުނދުނަކަށް އަލިފާނެއްނުލާ،ހަރަދު ބޮޑުވާތީ އެންމެންވެސް ކައްކަނީ ވަކިން.އަހަރެން ކިހިނެއް އެއްޗެއް ގަންނާނީ؟ގެއިން ލިބޭ ކުލިވެސް ބަހާލަނީ އެމީހުން."އޭނާ އަކީ ސިކުނޑި ހަމަނުޖެހޭ މީހަކަށް ވެދާނެއެވެ.އެ ދައްކަނީ ތެދު ވާހަކައަކަށްވެސް ވެދާނެއެވެ.އެހެން ނޫނީ އެފަދަ މީހުނަނަށް އެހީވާ ތަނެއް ހުންނަކަން އޭނާ އަށް ނޭގެނީ އެވެ.މައިންނަށް އެހާ ނުބައި ދަރިން،ދިވެހިންގެ ތެރޭގައި އުޅެފާނެ ކަމަށް އަހަންނަށް ގަބޫލެއް ނުކުރެވެއެވެ."އެހެންތަ؟"އަހަރެން ބުނީމެވެ.އަހަރެންގެ ރާގު ހުރި ގޮތުން،އޭނާ ދެއްކި ވާހަކަ އަހަންނަށް ގަބޫލު ނުކުރެވުނުހެން އޭނާ އަށް ހީވި އެވެ.ވަގުތުން އޭނާ ގެންގުޅުނު ކޮތަޅުގެ ތެރެއިން އެއްޗެއް ނަގައި ދިއްކޮށްލިއެވެ.އެއީ އައިޑީ ކާޑެކެވެ.ހީވާ ގޮތުގައި،ވަރަށް ގިނަ މީހުނަށް އޭނާ އެ ކާޑު ދަށްކައެވެ.ސަބަބަކީ،އެ ކާޑު އޮތީ،ވަރަށް ބޮޑަށް ކަންފަތިވެފައެވެ.އެއީ ލެމިނޭޓް ކޮށްފައިވާ،މުސްކުޅި ކާޑެކެވެ.އެއް ފަޅި އޮތީ ނެއްޓިފައެވެ.ފޮޓޯ ގައި ވަނީ ކާކުކަން ބުނާކަށް އަހަންނަކަށް ނޭނގެއެވެ.ބާވުމާއި،ފޮޓޯގަނޑުގައިވާ މީހާ ޒުވާންކަމުންނެވެ.އެހެންނަމަވެސް،ގޭގެ ނަން ކިޔަން އެނގުނެވެ.އެ ގެއަކީ ރަނގަޅު ފެންވަރެއްގައި ހަދާފައިވާ ގެއެކެވެ."ދައްތަގެ ގޭގެ ނަންތަ މީ؟"އަހަރެން އެހީމެވެ."ކޮންތާކު؟"އަނެއްކާވެސް ޗޮކެއް ކަނޑާލާފައި އޭނާ ބުންޏެވެ."ހުރިހާ ދަރިންވެގެން އަހަރެން ވާވައްދައިލައިގެން ގެ ފޭރިގަނެގެން ގެންގޮއްސި.ޗަންދުރާގެ ކޮޓަރީގަ މަނިދަނީ.""އެހެންތަ؟"އަހަރެން ބުނީމެވެ.އޭނާ ދެއްކި ވާހަކާގައި ހަގީގަތް އެކުލެވިގެންވަނީ ކިހާ މިންވަރަކަށް ކަމެއް އަހަންނަކަށް ނޭނގެއެވެ.އަހަންނަކީ ތަޖުރިބާ މަދު،ޒިންމާއެއް ނެތް އަދި މައިންބަފައިންގެ އެހީތެރިކަމުގައި އުޅޭ މީހެކެވެ.ގެ އަށް ގޮސް،ތަށިބަރި އަށް ވީގޮތް ބުނުމުން،މަންމަ އެހާ ހިތްހަމައެއް ނުޖެހުނެވެ.ކުރާނެ ކަމެއް ނެތެވެ.އަހަންނަކީ އާދައިގެ އިންސާނެކެވެ.ސިކުނޑީގައި މާ ބޮޑު ތެތްކަމެއްވެސް އަހަރެންގެ ނެތެވެ.އެކަމަކު ޔަގީނުންވެސް އަހަރެން ތަފާތެއް ގެނުވީމެވެ.އަހަރެން ބަނޑުފުރާ ކެއީމެވެ.އަދި އެހެން މީހެއްގެ ބަނޑުވެސް ފުރާލަދިނީމެވެ.އަހަރެން އީދުގެ އުފަލުގައި މަޖާކުރިއިރު،ކޮންމެވެސް މީހަކު،އަހަރެންގެ ސަބަބުންވެސް އުފާ ކުރާނެއެވެ.އެއީ އޭނާގެ ރޯއްޖެވެ.އަހަންނަކީ ހަމަ އެކަނި މެދުވެރިއެކެވެ.އެއީ ހަމަގެހި ނިމިފައިފާ ގޮތެވެ.މަންމަ އަށް އެކަން ނޭނގެނީ އެވެ._ނިމުނީ

No comments:

Post a Comment